
ބިޒްނަސްޕޯޓަލްގައި ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް ފުރިހަމަކުމުގެ މުއްދަތު މިއަދު މެންދުރުފަހު ހަމަވާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބިޒްނަސް ޕޯޓަލްގައި ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް ހުޅުވާލީ މި މަހުގެ 2 ވަނަ ދުވަހުގައެވެ. މިކަމަށް ހުޅުވާލައި އެ މިނިސްޓްރީ އިން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުހަލާތައް ފުރިހަމަނުކޮށް ފައިސާ ނުދައްކާ ގިނަ ހުށަހެޅުންތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް 14 ދުވަހުގެ މުއްދަތެއް އެ މިނިސްޓްރީ އިން ދީފައިވާއިރު މިއަދަކީ އެންމެ ފަހު ދުވަހެވެ.
މިނިސްޓްރީ އިން ބުނި ގޮތުގައި ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުޙަލާއާ ހަމައަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތަކާއި، ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކުރުމަށްފަހު، ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް ހިމެނޭ ކަމަށެވެ. އަދި ވިޔަފާރި ނުވަތަ ވިޔަފާރީގެ ނަން ރިޒާވްކޮށް، ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި، ފައިސާ ދެއްކުމުގެ މަރުޙަލާއާ ހަމައަށް ދިއުމަށްފަހު، ފައިސާ ނުދެއްކުމުގެ ސަބަބުން ރަޖިސްޓްރީ މުޅިން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވް ކުރުމަށްފަހު، ނަން ބަދަލުކުރުމަށް ހުށަހެޅުން، މުޅިން ފުރިހަމަ ކުރެވިފައި ނުވާ އެޕްލިކޭޝަންތައް ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
މިއަދުގެ 14:00 ގެ ކުރިން ފުރިހަމަނުކޮށް ހުރި އެޕްލިކޭޝަންތައް ފުރިހަމަކޮށް ފައިސާ ދައްކަންޖެހޭ އެޕްލިކޭޝަންތަކަށް ފައިސާ ދައްކައި ނިންމުމަށް އެދޭ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި މި ވަގުތުގެ ފަހުން ނުނިމި ހުރި އެޕްލިކޭޝަންތައް އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާތިލުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

