
ފ. ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ބިލެތްދޫއަށް ދަތުރުކުރަމުންދާ ދޯންޏެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ސާމަރާމަންޒިލް / ފ. ބިލެތްދޫ، ޖަމްޝީދު އިސްމާއިލް (43އ)އެވެ.
ބިލެތްދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 662ކުޑަ ރަބަރު ޕެކެޓު ފެނުނުކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

