
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ހައްގުތައް ކަށަވަރުކުރުމަށާއި ގަވާއިދާ އެއްގޮތަށް މުސާރަ ދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އެފަރާތްތަކުގެ ނަމުގައި ލަސްނުކޮށް ބޭންކް އެކައުންޓުތައް ހުޅުވައިދިނުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަޒީފާދޭ ފަރާތްތަކަށް އަންގައިފިއެވެ.
މިދިޔަ މަހުގެ 25ވަނަ ދުވަހު އަމަލުކުރަން ފެށި ގަވާއިދުގެ އިސްލާހާ އެކު، ބިދޭސީ މަސައްކަތްތެރިންނަށް އުޖޫރަ ދޭން ލާޒިމުކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެތަނުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓެއް މެދުވެރިކޮށެވެ. އެހެންކަމުން، މި ބަދަލާ އެއްގޮތަށް އަމަލުކުރުމަށްޓަކައި އެންމެހާ ކުންފުނިތަކާއި ވަޒީފާދޭ އާންމު ފަރުދުން ވެސް އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންނަށް އެކައުންޓު ހުޅުވައިދިނުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ބިދޭސީންނަށް މުސާރަ ދީފައިވާކަން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބަލައިގަންނާނީ ވެސް ހަމައެކަނި އެމްއެމްއޭގެ ހުއްދަ އޮންނަ ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާނަމަ ކަމުގައި ދާޚިލީ ވުޒާރާއިން ފާހަގަކުރައްވައެވެ.
ބިދޭސީންނަށް ބޭންކު މެދުވެރިކޮށް މުސާރަ ދިނުމަކީ މީގެ ކުރިންވެސް ގާނޫނީ ގޮތުން ލާޒިމުކުރި ކަމެކެވެ. އޭރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުގެ ދަށުން އެކަން މަޖުބޫރުކުރީ ބިދޭސީން ގައުމުން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނެގުމުގެ ބޭނުމުގައެވެ. އަދި އެކަމާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ފެށި ނަމަވެސް، ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން ގިނަވުމުގެ ސަބަބުން އެކައުންޓު ނުހުޅުވި، އެ ފިޔަވަޅު އެޅުން ފަހުން އޮތީ މަޑުޖައްސާލާފައެވެ.
ސަރުކާރުން މިހާރު އަމާޒުހިފާފައި ވަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ގަވާއިދަށް ފެތޭ ބަޔަކަށް ހެދުމާއެކު އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށެވެ. މީގެ އިތުރުން، ބިދޭސީންނަށް ލިބޭ މުސާރަ ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަނެވިއްކުމުގެ މައްސަލަތައް ހައްލުކުރުމަކީ ވެސް މި ފިޔަވަޅުތަކުގެ މުހިންމު އެއް ބޭނުމެވެ.

