
ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ “ބިންވެރިޔާ ސްކީމު”ގެ ކެޓަގަރީ 3 އަށް ޝަރުތުހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަމަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު، އަންނަ މެއި މަހުގެ 10ވަނަ ދުވަހު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކެޓަގަރީގެ ދަށުން އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ މެއި 10ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އަދި މި މުއްދަތު މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ދެމިއޮންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ. އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ ރަސްމީ ބޯހިޔާވަހިކަން ޕޯޓަލް https://boahiyaavahikan.housing.gov.mv/ މެދުވެރިކޮށެވެ.
މި އުސޫލުގެ 3 ވަނަ ކެޓަގަރީ ޚާއްޞަކޮށްފައި ވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން، މީގެ ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ސިންގަލް ފޯމުލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށްލުމަށް ފަހު ފްލެޓަކަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް މި ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން، ޖޮއިންޓްކޮށް ގޯއްޗަށް އެދިފައިވާ ފަރާތްތަކުން އެކަން ބާތިލުކުރުމަށްފަހު، ވަކިވަކިން ގޯއްޗަށް ނުވަތަ ފްލެޓަށް އެދުމުގެ އިޚުތިޔާރު ވެސް މި ކެޓަގަރީން ލިބިދެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ގްރޭޓަރ މާލެ ސަރަޙައްދާއި ރަސްމާލެ ހިމެނޭހެން 1250 އަކަފޫޓުގެ 15،000 ގޯތި ރައްޔިތުންނަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ހަމައެއާ އެކު، ފްލެޓު ސްކީމްގެ ތެރެއިން މާލެ ސަރަޙައްދުން 7900 އެޕާޓްމަންޓް ދޫކުރުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.

