
ބާޒާރުގައި ކުކުޅު ބިސް ލިބުމުގެ އެއްވެސް ދަތިކަމެއް ނެތްކަމަށާއި، ކޮންޓްރޯލް ކުރުމެއް ނެތި އާންމުންނަށް ބިސް ގަންނަން ލިބޭނެކަމުގެ ޔަޤީންކަން ދައުލަތުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ)އިން މިއަދު ދީފިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ބިސް ލިބުން ދަތިވެ، ވަކި މިންވަރަކަށް ކޮންޓްރޯލްކޮށްގެން ވިއްކަމުންދާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ. ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެސްޓީއޯއިން ވިދާޅުވީ، އެއްވެސް ލިމިޓެއް ނެތި މިހާރު ވެސް ކަސްޓަމަރުންނަށް ބިސް ދޫކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ވަރަށް އިތުރު ޝިޕްމަންޓްތައް ވެސް ގެންނަމުންދާތީ، ކުރިއަށް އޮތް ތަނުގައި ވެސް ސަޕްލައިއަށް އެއްވެސް ބުރޫއެރުމެއް ނާންނާނެކަން އެ ފަރާތުން ފާހަގަކުރެއްވިއެވެ.
އާންމު ދިރިއުޅުމަށް އެންމެ ބޭނުންވާނެ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ އަސާސީ މުދަލުގެ ލިސްޓަށް ގެނައި ބަދަލާ އެކު، ބިހަކީ ވެސް އެ ލިސްޓުގައި ހިމެނޭ ބާވަތެކެވެ. އެހެންކަމުން، ބާޒާރުން މި ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭތޯ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަބަދުވެސް ދަނީ ގާތުން ބަލަމުންނެވެ. އަދި އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން މުދާ ލިބޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކުރާއިރު، ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށްޓަކައި ސަޕްލައި މަދުވާ ހާލަތްތަކުގައި އެސްޓީއޯއިން ސީދާ މުދާ އެތެރެކޮށް ބާޒާރަށް ނެރެއެވެ.
ރައްޔިތުންނަށް ހެޔޮ އަގެއްގައި ދެމެހެއްޓެނިވި ގޮތަކަށް ތަކެތި ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23 ބާވަތެއް އިތުރުކޮށްފައި ވަނީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ބަދަލާ އެކު، ކުރިން އަސާސީ ބާވަތްތަކުގެ ގޮތުގައި ބަލަމުން އައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން މުގާއި، ބިހާއި، އަލުވީގެ އިތުރުން އާންމުކޮށް ބޭނުންކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ ވަނީ އެ ލިސްޓުގައި ހިމަނާފައެވެ. މި ބަދަލު ގެނައިތާ މަހެއްހާ ދުވަސް ފަހުން މި ތަކެތި އެސްޓީއޯ މެދުވެރިކޮށް ވަނީ އާންމުންނަށް ވިއްކަން ފަށާފައެވެ.

