
އެމްޑީޕީއަށް ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ދައުލަތުގެ ބަޖެޓުގެ ވާހަކަދައްކަން އެ ޕާޓީން ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ އިންތިޚާބީ ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަކީލް މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝަކީލް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ، ބަޖެޓަށް ވޯޓު ނުދޭ ބަޔަކު ބަޖެޓުން ފައިސާ ނުލިބިގެން ޝަކުވާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ނުލިބިގެން އުޅެނީ ކޮން ފައިސާއެއްތޯ އޭނާ ވަނީ ގަޕޯއާ ސުވާލުކުރައްވާފައެވެ. އަދި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ބަޖެޓް ފާސްކުރުމަށް ތާއީދުކޮށް ވޯޓު ދީފައިވޭތޯ ވެސް ޝަކީލް ސުވާލު އުފައްދަވާފައިވެއެވެ.
ޝަކީލް މިފަދައިން ފާޑުކިޔުންތައް އަމާޒުކުރައްވާފައި މި ވަނީ، ޕާޓީގެ އެތެރޭގެ ކަންކަން ހިންގުމަށާއި އިންތިޚާބުތައް ބޭއްވުމަށް ބޭނުންވާ މާލީ ތަނަވަސްކަން މިވަގުތު އެމްޑީޕީގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ފައިސާގެ ދަތިކަމާ ހުރެ، އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ މާލީ ހާލަތާ ގުޅޭގޮތުން ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، މިހާރު ތާވަލުކުރެވިފައިވާ ގޮތުން ނަމަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އޮންނާނީ 2026ވަނަ އަހަރުގެ ޖޫން މަހުގެ 12ވަނަ ދުވަހުއެވެ.

