
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ރާއްޖެއަށް ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، އެ މަނިކުފާނުގެ ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.
އެ މަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރެއްވި މި ފުރަތަމަ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ އެކު ރަސްމީ ބައްދަލުވުންތަކެއް ވަނީ ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން ދަނޑުވެރިކަމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންނެވެ. އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ވެސް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.
މީގެ އިތުރުން، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ރައީސް ޑރ. މުޢިއްޒު ފަށްޓަވާފައިވާ “ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް”ގައި ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކާބެހޭ ވުޒާރާއާ ގުޅިވަޑައިގެން ޑރ. ޚަލީލުއްރަޙްމާން ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވާދެއްވާފައެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއާއި ބަންގްލަދޭޝްއިން ގުޅިގެން މަސައްކަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒީ ހަރަކާތެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރަސްމީ ދަތުރުފުޅުގެ ހުރިހާ ކަމެއް ފުރިހަމަކުރެއްވުމަށް ފަހު ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ފުރާވަޑައިގަތުމަށް ވައިގެބަނދަރަށް ވަޑައިގަތުމުން، އެ މަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ޑރ. މުޙައްމަދު ފަހުމީ ޙަސަންގެ އިތުރުން ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނެވެ.

