
މާލޭގައި ބަނގުރާ އުފައްދައި ވިއްކައި ވިޔަފާރިކުރަމުން ދިޔަ ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕްރަވީން ސެންތިލްކުމާރް (30އ)އާއި, ކަންނަން އިރުލައްޕަން (23އ) ކަމަށާއި މި ދެމީހުންނަކީ ވެސް އިންޑިއާ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާލޭ މަގުމަތިން އެ މީހުން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

