
ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ރ. އަދި ބ. އަތޮޅުގެ 25ރަށެއްގައި ހައިބްރިޑް ސޯލާ ނިޒާމުތަކެއް އިފްތިތާހުކޮށްފިއެވެ.
އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު ގުޅިގެން ގާއިމުކުރި އެ ނިޒާމުތައް އިފްތިތާހުކުރީ ރ. ކިނޮޅޮހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
“ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް” (ޕޮއިސްޑް)ގެ ދަށުން ކުރިއަށްދިޔަ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކި ރާއްޖޭގެ 160ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ
އެ މަޝްރޫއުގެ ދަށުން މިހާތަނަށް 72ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ.
އެ ރަށްތަކުގައި ޖުމްލަ 13.4މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް)ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް)ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން 27މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފައެވެ.

