
ކުރިއަށް އޮތް އީދު ބަންދާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުކުރުމާއި މީހުން އެއްވެއުޅުން އިތުރުވާނެތީ، މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ އިންފްލުއެންޒާއާއި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް ގޮވާލައިފިއެވެ.
އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި، އާދައިގެ ރޯގާއާއި އިންފްލުއެންޒާގެ އަލާމާތްތައް ފެންނަގޮތް އެއްގޮތްވި ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެކެވެ. އަދި މީގެ ތެރެއިން ހަށިގަނޑަށް އެންމެ ނުރައްކާ ބޮޑީ އިންފްލުއެންޒާގެ ސަބަބުން ކަމަށްވާއިރު، ހުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ގޭގައި އެކަހެރިވެ ތިބުމަށާއި، ގިނަ ބަޔަކު ޖަމާވާ ތަންތަނަށް ނުދިއުމަށް ވަނީ އިރުޝާދު ދީފައެވެ.
މި ބަލީގެ ނުރައްކާ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް، ހާއްސަކޮށް ދެ އަހަރުން ދަށުގެ ތުއްތު ކުދިންނަށް އިންތިހާއަށް ބޮޑުކަން ފާހަގަކޮށް، އެފަދަ ކުދިންގެ ކިބައިން ނުރައްކާތެރި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ހަ ގަޑިއިރު ވަންދެން ކުޑަކަމުނުދިއުމާއި، އާދަޔާ ހިލާފަށް ވަރުދެރަވުމުގެ އިތުރުން ގާތުންދޭ ކުދިން ކިރު ނުބުއިން ހިމެނެއެވެ. މީގެ އިތުރުން، އެއާޕޯޓުތަކާއި ބަސް ސްޓޭންޑުތައް ފަދަ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާއިރު މާސްކު އެޅުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ވައިރަލް ހުމުގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. އެގޮތުން، ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމާއި، ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ވަނީ އަންގާފައެވެ. ހަމައެހެންމެ، ސިއްހީ މައުލޫމާތު ހޯދުމުގައި ހަމައެކަނި ރަސްމީ އިދާރާތަކުން ނެރޭ ސައްހަ މައުލޫމާތަށް އިތުބާރުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

