
ދިވެހި މުޖުތަމަޢުން ފުހެމުންދާ ރީތި އާދަތަކާއި އަޚުލާޤީ ސިފަތައް އަލުން ދިރުވުމުގެ މަޤުޞަދުގައި، “އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު”ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަސް އަހަރު ދުވަހުގެ ބޮޑު ކެމްޕޭނެއް ފަށްޓަވައި، އެކަމަށް ޚާއްޞަ ޤައުމީ ދުވަހެއް ފާހަގަކުރަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކެބިނެޓަށް ހުށަހެޅުއްވި ކަރުދާހަކަށް ބިނާކޮށް ނިންމެވި މި މަޝްރޫޢުގެ މައިގަނޑު ޝިޢާރެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ “އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ”މިއެވެ. މީގެ އިތުރުން، މި މުހިންމު ހަރަކާތް ރާވައި ހިންގުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހިމެނޭހެން 9 މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ ފާސްކުރައްވާފައެވެ.
ކޮންމެ އަހަރަކު ވެސް ޤައުމީ ފެންވަރުގައި އިހުތިރާމު އަދާކުރުމުގެ ދުވަހެއް ފާހަގަކުރަން ހަމަޖެހިފައިވާއިރު، އެ ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް ފަށާ ދުވަސްކަމުގައި ހެދުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން މި މަޝްރޫޢު ފަރުމާކޮށްފައި ވަނީ މަދަނީ ޖަމާޢަތްތަކާއި ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ހުޅުވާލި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް އިޖާބަދޭން ދެކޮޅުހަދާފައެވެ.
ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި ހުރި އިސްލާމީ އަދި ޤައުމީ ރިވެތި އާދަތައް އަނބުރާ ގެނައުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން މިހާރު ވެސް ތަޢުލީމީ ނިޒާމުގެ ތެރެއިން ޤައުމިއްޔަތު ކިޔަވައިދޭން ފަށާފައިވާއިރު، ދިވެހިންގެ އާދަކާދަތަކާއި މާނަވީ ތަރިކަ ރައްކާތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

