
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓްގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށްޓަކައި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗަށް ބޭނުންވާ ޒަމާނީ “މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް” ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.
މި ތާރީހީ ބަދަލާ އެކު ދިވެހިރާއްޖޭގެ ސިއްހީ ފަރުވާގެ ފެންވަރު އައު ހަރުފަތަކަށް އަރައިގެންދާނެއެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ބައިނަލްއަގުވާމީ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ މި ބީލަން ކާމިޔާބުކުރާ ފަރާތެއްގެ ޒިންމާއަކަށް ވާނީ، މި ނިޒާމު ހޯދައިދިނުމުގެ އިތުރުން، އިންސްޓޯލްކޮށް ޓެސްޓުކުރުމާއި، ސިސްޓަމް އޮޕަރޭޓްކުރާނެ މީހުން ތަމްރީނުކުރުން އަދި މަރާމާތުކޮށް ބެލެހެއްޓުމުގެ މުޅި މަސައްކަތެވެ.
މަލްޓި-ޕޯޓް ރޮބޮޓިކް ސިސްޓަމަކީ އޮޕަރޭޝަންކުރާ ޑޮކްޓަރުން ކޮމްޕިއުޓަރެއްގެ އެހީގައި ރޮބޮޓިކް އަތްތަކެއް ކޮންޓްރޯލްކޮށްގެން ފަރުވާދޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. މި މެޝިނުގައި ހިމެނޭ އެތައް ރޮބޮޓިކް އަތްތަކެއްގައި ކެމެރާއާއި ތަފާތު ސާޖިކަލް އާލާތްތައް ހަރުކުރެވިފައި ހުންނައިރު، ބަލިމީހާގެ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފާލައިގެން އެތެރެއަށް މި އަތްތައް ފޯރުކޮށްދެވޭނެއެވެ.
އިންސާނުންގެ އަތަށްވުރެ މާ ފުރިހަމައަށް އޮޕަރޭޝަން ކުރުމުގެ ގާބިލުކަން ލިބިފައިވުމާއި، 3ޑީ ކޮށް އެތެރެހަށި ވަރަށް ސާފުކޮށް ފެންނަން ހުރުމާ އެކު، މިއީ އުނދަގޫ އަދި ނާޒުކު އޮޕަރޭޝަންތައް ކުރުމަށް ޑޮކްޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ބަލިމީހާގެ ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަވެ، ލޭފޭބުން މަދުވެ، އިންފެކްޝަންވުމުގެ ނުރައްކާ ކުޑަވުމުގެ އިތުރުން ބަލިމީހާ އަވަހަށް އާންމު ހާލަތަށް ރުޖޫއަވުމަށް މަގުފަހިވެއެވެ. ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ކުރިމަގުގައި ކެންސަރާއި، ހިތުގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބޮޑެތި އޮޕަރޭޝަންތަކަށް މި ނިޒާމުގެ ފުރިހަމަ ފައިދާ ކުރާނެކަމަށް ބެލެވެއެވެ.

