
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާ ބިނާކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މައުލޫމާތު ހޯދުމުގެ މަގު ކޮންމެ ރައްޔިތަކަށް ވެސް ތަނަވަސްކޮށްދިނުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގައުމީ ކުތުބުޚާނާގެ ގޮފިތައް އެކި ސަރަހައްދުތަކުގައި މިހާރު ވެސް އިމާރާތްކުރަން ފަށާފައިވާއިރު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި މި މަސައްކަތް އަމަލީގޮތުން ދަނީ ކުރިއަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ކަމާގުޅުންހުރި ސަތޭކައަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ މަތިން ޚާއްސަ ގައުމީ އޮނިގަނޑެއް އެކުލަވާލާފައިވާކަން ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކެއްގެ ބައިވެރިވުމާ އެކު ހެދި ދިރާސާއަކުން ސާބިތުވި ގޮތުގައި، ރަށްރަށުގައި ކުތުބުޚާނާތައް ހުރުމަކީ އާންމުން ނުހަނު ބޮޑަށް އެދޭ ކަމެކެވެ. މިއާ އެކު، އެ ރަށެއްގެ އާބާދީއާ އެކަށީގެންވާ ފެންވަރެއްގެ ކުތުބުޚާނާގެ މޮޑެލްތަކެއް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ.
މީގެ އިތުރުން، ގައުމީ ކުތުބުޚާނާއަށް 81 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދާދިފަހުން ވަނީ އޮންލައިންކޮށް ގިނަ މައުލޫމާތުތަކެއް ލިބޭނެ “ޑިޖިޓަލް ރިޕޯޓް ކަލެކްޝަން”ގެ ނަމުގައި އައު ޕްލެޓްފޯމެއް ވެސް ތައާރަފުކޮށްފައެވެ. މިއީ ސަރުކާރުގެ އެކި އިދާރާތަކާއި ޖަމިއްޔާތަކުގެ ރިޕޯޓުތައް ފަސޭހަކަމާ އެކު އެއް މަންސައަކުން ކިޔާލެވޭނެހެން ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތެކެވެ.

