
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މައުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އެފަދައިން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ދިރުންނެތް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، އެ ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމަށްވެސް ޖަލްސާގައި ނިންމިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ފެށިގެން ގޮސްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

