
ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުން ނަގާ ޓެކްސް ކަނޑާލަން އިނގިރޭސި ވިލާތުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގަ ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ ކަނޑާލުމަށް ބާރުއަޅުއްވައި މަޝްވަރާތައް ބާއްވަވައިފަ އެވެ.
އިނިގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެކްސް ކަނޑާލަން ނިންމިކަން ހާމަކުރައްވައިފަ އެވެ. އަދި އޭގެ ސަބަބުން އިނގިރޭސިވިލާތުގެ މީހުންނަށް ކުރިއަށް ވުރެ ހެޔޮ އަގުގައި މަސް ލިބޭނެކަން ވެސް ހައިކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
އެ ނިންމުމަށް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި މުހިންމު ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ ބޮޑުވެ، ރަށްފުށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހަށް އިނގިރޭސި ބާޒާރުގައި އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެކެވެ. އަދި ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން މި ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ވިލުންތެރިކަމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ދަލީލުކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ދިވެހި މަސްވެރިކަމަށާއި އިގުތިސާދީ ކުރިއެރުން ލިބޭ މި ބަދަލު ގެނައުމަށްޓަކައި މަސައްކަތްކޮށްދެއްވި އިނގިރޭސިވިލާތުގެ ސަރުކާރާއި އަދި ކަމާގުޅޭ އެންމެހާ ބައިވެރިންނަށް ޝުކުރުއަދާކުރައްވަމުންނެވެ.

