
މުޅި ރާއްޖެއަށް މިއަދު ވެސް ބޯކޮށް ވާރޭވެހުމާ އެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، މާދަމާއިން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް އެ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މިއަދު ފަތިހު 5:30 އިން ފެށިގެން ހެނދުނު 11:30 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގެ ތެރޭގައި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ އިންޒާރުދީފައެވެ.
ރާއްޖޭގެ ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައިޖެހޭނެއެވެ. އަދި ދެކުނުގެ ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، އާންމު ގޮތެއްގައި ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭތީ، ކަނޑުމަގުން ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިލައްވާފައެވެ.
ނަމަވެސް، މިހާރު ކުރަމުންދާ ވިއްސާރައަށް ބަދަލު އައިސް، މާދަމާއިން ފެށިގެން މުޅި ރާއްޖޭގެ މޫސުން ވެސް އަލިވާން ފަށާނެކަމުގެ އުފާވެރި ޚަބަރު މޫސުމާ ބެހޭ އިދާރާއިން ވަނީ ދީފައެވެ.

