
ޚާއްޞަ ވިސާއާއި ބިޒްނަސް ވިސާގައި ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި މަޑުކޮށްގެން ތިބެ މަސައްކަތްކުރާ ވިސާއަކަށް އެ ވިސާ ބަދަލުނުކުރެވޭނެ ގޮތަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހަމަޖައްސަވައިފިއެވެ.
މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިމިވަނީ، ކުރު މުއްދަތެއްގެ ވިޔަފާރި ބޭނުންތަކަށް ގެންނަ މީހުންނަށް ދޫކުރާ ބިޒްނަސް ވިސާގެ ނިޒާމުގެ ތެރެއިން ބައެއް ކުންފުނިތަކުން މީހުން އެތެރެކުރުމަށް ފަހު، ވަރކް ޕާމިޓް ހޯދުމުގެ މަރުޙަލާ އަވަސްކުރުމަށް މަސައްކަތްކުރާކަން ސަރުކާރަށް ފާހަގަކުރެވިގެންނެވެ. އެހެންކަމުން، މި އުޞޫލަށް ގެނެވުނު ބަދަލާ އެކު، ބިޒްނަސް ނުވަތަ ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވެފައިވާ އެއްވެސް ފަރާތަކަށް ދެން ‘އެކްސްޕެޓް ސިސްޓަމް’ މެދުވެރިކޮށް ވަޒީފާ އަދާކުރުމުގެ ހުއްދައަށް އެދި ހުށައެއް ނޭޅޭނެކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދެއްވިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. ރާއްޖޭގައި މިވަގުތު ޤާނޫނީ އިމުގެ ތެރެއިން ޞައްޙަ ވޯކް ޕާމިޓެއް އޮވެގެން 208،937 އަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރަމުންދާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މި މަސައްކަތުގެ ތެރެއިން ބިދޭސީންގެ ހުއްދަތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ކަންކަން ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ބަލަހައްޓަމުންނެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުން ހާމަވެފައިވާ ގޮތުގައި، ގިނަ ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، އެމީހުން ދަނީ ހުއްދަ ދެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ ވިޔަފާރިތަކާއި އެހެނިހެން މަސައްކަތްތައްކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދަމުންނެވެ. ‘އޯޕަން ވީސާ’ގެ ނަމުގައި ހިންގާ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް އިތުރުވަމުންދާތީ، އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގައި ވަޒީފާދޭ ފަރާތްތަކާއި އާންމު ރައްޔިތުން ވެސް ފުރިހަމަ ޒިންމާދާރުކަމާ އެކު ޢަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ފަރާތްތައް ހޯދައި، އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.

