
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމް ހެދޭނެ ލެވެލް ދޭއްގެ މެޑިކަލް ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިކަން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން މިހާރު ދަނީ މި ޔުނިޓު ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މި މަރުކަޒު ހެދުމަށް ބޭނުންވާ ބިން މިހާރު ކަނޑައެޅިފައިވާއިރު، މީގެ ސަބަބުން މާލެއާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކޯ ލީގަލް އަދި ކްލިނިކަލް ފޮރެންސިކްގެ ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބިގެންދާނެއެވެ.
މި ޔުނިޓުގެ ސަބަބުން ޖިނާއީ ތަޙުޤީޤުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޝައްކުއުފެދޭ މަރުގެ މައްސަލަތަކާއި، ޖިންސީ އަދި ޖިސްމާނީ އަނިޔާގެ އިތުރުން ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ދެނެގަތުމަށް މިތަނުން މަގުފަހިވާނެ ކަމަށެވެ. މީގެ އިތުރުން ޝަރުޢީ އިންޝުއަރެންސްގެ ބޭނުންތަކަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމުގެ އިންތިޒާމު ވެސް މިތަނުން ހަމަޖެހިގެންދާނެއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ޤާނޫނީ އޮނިގަނޑު 2015ވަނަ އަހަރު އެކުލަވާލެވިފައި އޮތް ނަމަވެސް، ފާއިތުވި ސަރުކާރުތަކުން މި ޚިދުމަތް ފެށުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އިތުބާރު ލިބޭފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން މިކަން ތަންފީޒުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ޔުނިޓު ހުޅުވުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ޤަވާއިދު ގެޒެޓުކުރެވޭނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 23 ހަށިގަނޑެއް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ކޮންމެ ކޭސްއަކަށް ދައުލަތުން ގާތްގަނޑަކަށް 55،000 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

