
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާ ދެމެދު ބިނާކުރުމަށް ސަރުކާރުން ނިންމަވާފައިވާ، ދިވެހިރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ މުނާސަބު ނަމެއް ހުށަހެޅުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާންމުންނަށް ހުޅުވާލައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ދިވެހިން އިސްލާމްދީން ޤަބޫލުކުރިތާ 900 އަހަރު ފުރޭ ތާރީޚީ ދުވަސް ކަމަށްވާ އަންނަ މަހުގެ 13ވަނަ ދުވަހުއެވެ.
މި ޚާއްޞަ ބިނާ އެޅުމަށް ބޭނުންވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން މިހާރު ވަނީ ކަމާބެހޭ ވުޒާރާއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ. މީގެ އިތުރުން، ސަޢުދީ އަރަބިއްޔާގެ މަޝްހޫރު އަލްރަޖްހީ ކުންފުންޏާ އެކު މި މަޝްރޫޢަށް ފައިސާ ހަމަޖެއްސުމުގެ ފަހުމުނާމާއެއްގައި ވެސް މިހާރު ވަނީ ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ފުރިހަމަ އިސްލާމީ މަރުކަޒުގައި ނަމާދުކުރާނެ ތަނަވަސް ޖާގައެއްގެ އިތުރުން، ކީރި ޤުރުއާނާބެހޭ ދާރުލްއާސާރަކާއި ދީނީ އެކިއެކި މުހިންމު ކަންކަން ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހިމެނޭނެއެވެ.

