
ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކޮންމެ އަހަރަކު ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމަށްޓަކައި ސަޢުދީ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ޚާއްޞަ ދައުވަތަކަށް މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޑރ. ޝަހީމް މިކަމަށް އެދިވަޑައިގަތީ ސަޢުދީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ވަޒީރު ވިދާޅުވީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި ކުރިއަށްގެންދެވޭނެ އަހަރީ ޤުރުއާން މުބާރާތެއް ފަރުމާކުރުމާ ގުޅޭގޮތުން ސަޢުދީ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ވެސް، ދެ ޤައުމުގެ ދެމެދުގައި އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދީނީ އެކިއެކި މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ޑރ. ޝަހީމް ހާމަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި ޙާފިޡުން އުފެއްދުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފައެވެ. އެގޮތުން، ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުގެ ފެންވަރު މަތިކޮށް، ދިވެހިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

