
ބެލަރޫސް އަދި ދިވެހިރާއްޖެއާ ދެމެދު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވިސާ ވެއިވަރ އެއްބަސްވުމުގެ ދެލިކޮޕީއަށް ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ މިއަދު ރުހުންދެއްވުމާ އެކު، ދެ ޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ދަތުރުފަތުރުކުރެވޭނެ މަގު ތަނަވަސްވެއްޖެއެވެ.
މި މުހިންމު އެއްބަސްވުން ވުޖޫދަށް އައުމުން، ކުރިން ވިސާ ނުނަގައި ދެ ޤައުމުގެ ރައްޔިތުންނަށް ވެސް އެއް ޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި ޓްރާންސިޓްވުމުގެ އިތުރުން 30 ދުވަހުގެ މުއްދަތަކަށް ހުރެވޭނެއެވެ. ނަމަވެސް، މިގޮތަށް ދަތުރުކުރާއިރު މީލާދީ އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަވެގެން ހޭދަކުރެވޭނީ 90 ދުވަސްކަމަށް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ.
ބެލަރޫސްގެ ރިޔާސީ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމާއި، ދިވެހި ސަރުކާރާ އެކު ކުރަންޖެހޭ އެންމެހާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ރައީސް ލުކަޝެންކޯ މިހާރު ވަނީ އެ ޤައުމުގެ ޚާރިޖީ ވުޒާރާއާ ޙަވާލުކުރައްވާފައެވެ.
ފަތުރުވެރިކަމާއި ވިޔަފާރީގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވޭ މި އެއްބަސްވުމަކީ، ދިވެހިންނާއި ބެލަރޫސްގެ ރައްޔިތުންނަށް ވެސް ދަތުރުފަތުރުކުރުމުގައި އިންގިލާބީ ލުއިފަސޭހަތަކެއް ގެނެސްދޭނެ ފިޔަވަޅެއްކަމަށް ބެލަރޫސްގެ ސަރުކާރުން ސިފަކުރެއެވެ.

