
ރާއްޖެއިން ލިބެން ހުންނަ ބޭސްފަރުވާއެއް ކަމުގައި ވިޔަސް، ބަލިމީހާއަށް ދިމާވެފައިވާ އިޖުތިމާއީ އަދި ސިއްހީ ހާއްސަ ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ބަދަލަކީ ސިއްހީ ފަރުވާ ހޯދުމުގައި ދިވެހި ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ނިމުމެއް ގެނެސް، ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ ގަސްތުގައި ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން އޮންނަ އުސޫލުގެ މަތިން އާސަންދައިގެ ޚަރަދުގައި ބަލިމީހުން ރާއްޖެއިން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކުން އެ ފަރުވާއެއް ކުރެވެން ނެތް ހާލަތްތަކުގައެވެ. އެހެންނަމަވެސް، އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި، ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތަށް ބެލުމަށްފަހު އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ ފުރިހަމަ އިޚުތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންދާނެއެވެ.
މި ބޮޑު ބަދަލާ އެކު، ކުރިން އާންމުކޮށް ބޭނުންކުރަމުން އައި “ވިރަ ފޯމު” ގެ ބޭނުންކުރުން ވަނީ މުޅިން ހުއްޓާލާފައެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި، މީގެ ފަހުން ބޭސްފަރުވާގެ ކަންކަމުގައި އެހީއަށް އެދޭނީ ސީދާ “މައި އާސަންދަ” ޕޯޓަލްގެ ތެރެއިންނެވެ. މީގެ މައިގަނޑު ބޭނުމަކީ އެންސްޕާގެ ވެލްފެއާ ސްކީމާއި އާސަންދައިގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލައި، އިދާރީ މަރުހަލާތައް ހަލުވިކޮށް ރައްޔިތުންނަށް ފަސޭހަކުރުމެވެ. މީގެ އިތުރުން، އެންސްޕާއިން ކުރިން ހިންގަމުން އައި ‘މެޑިކަލް ވެލްފެއާ ސްކީމް’ ގެ 16 ޚިދުމަތެއް މިހާރު ވަނީ އާސަންދަ ސްކީމްގެ ތެރެއަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ތެލަސީމިއާ ކުދިންގެ ބޯންމެރޯ ފޮލޯއަޕް ހެދުމާއި، ކުރިން އާސަންދައިން ނުލިބޭ ބައެއް ޓެސްޓުތަކާއި މެޑިކަލް ޑިވައިސްތައް ވެސް ހިމެނެއެވެ.
އާސަންދައިން ފޯރުކޮށްދޭ އެހެނިހެން އެހީތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން، ކުއްލި ހާލަތްތަކުގައި މެޑިކަލް އިވެކުއޭޝަން މެދުވެރިކޮށް ގެންނަ މީހުންނަށް އަނބުރާ ރަށަށް ދިއުމުގެ ޓިކެޓު ހަމަޖެއްސުމާއި، ބޭރުން ފަރުވާ ހޯދާ މީހުންގެ ހާލަތަށް ބަލައި ދެވަނަ އެހީތެރިޔެއްގެ ޓިކެޓާއި ތިންވަނަ ޓިކެޓެއް ހަމަޖައްސައިދިނުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާ އެކު، ކެންސަރު އަދި ގޯޝާ ބައްޔަށް ބޭނުންކުރާ ޚާއްސަ ބޭސްތައް އޭޑީއެލް ލިސްޓަށް އިތުރުކޮށް، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްފައިވާ “މެރަނަ” ސްކީމް ވެސް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ އާސަންދަ ސްކީމަށް ގެނެވުނު މި ބަދަލުތަކާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް 1400 އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

