
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ހާރިޖީ ގުޅުމުގެ ހާއްސަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
އެމެރިކާއަށް 250 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަހުނިޔާ ފޮނުއްވައި، ރައީސް ޓްރަމްޕަށާއި އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި މި ހާއްސަ ތަހުނިޔާގެ މެސެޖުގައި، ހިނގަމުންމިދާ އަހަރަކީ ދެ ގައުމަށްވެސް ތާރީހީ ގޮތުން މުހިންމު އަހަރެއްކަން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އެމެރިކާގެ ފަހުރުވެރި މިނިވަން ދުވަސް ފާހަގަކުރާއިރު، ރާއްޖެއާއި އެމެރިކާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭކަން އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ ސުލްހަމަސަލަސްކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެމެރިކާއާ އެކު އޮންނަ ގުޅުމަކީ ދިވެހި ސަރުކާރުން ނުހަނު އިސްކަމެއް ދޭ ގުޅުމެއްކަން ފާހަގަކުރައްވައި، ގިނަ ދާއިރާތަކަކުން މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އޭގެ ތެރޭގައި، ދިފާއީ އަދި ސަލާމަތީ ކަންކަމާއި، އިގުތިސާދީ ކުރިއެރުމާއި، ތައުލީމީ ރޮނގުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މި މެސެޖް ނިންމަވާލައްވަމުން ރައީސް ޑރ. މުއިއްޒު ވަނީ، ކުރިމަގުގައި ދެ ގައުމުގެ މަންފާއަށްޓަކައި އަދި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން އާލާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.

