
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެއްޖެކަން އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިޢުލާންކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އަންވަރު ވިދާޅުވީ މި މާލީ އެހީތެރިކަމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން މެލޭޝިއާގެ މަރުކަޒީ ބޭންކް، ބޭންކް ނެގާރާ މެލޭޝިއާގައި އެދިވަޑައިގެން ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ހަމަޖައްސައިދޭން ނިންމި ފެސިލިޓީއެއް ކަމަށެވެ.
މި ކަމަށް އުސޫލެއްގެ ގޮތުން މިހާރު ރުހުން ދީފައިވާއިރު، އެއްބަސްވުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމުމަށް ދެ ޤައުމުގެ މަރުކަޒީ ބޭންކުން ގުޅިގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެކަން މެލޭޝިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ސީދާ ދެ ޤައުމުގެ ރައްޔިތުންނާއި ސަރުކާރުގެ މެދުގައި އޮތް އިތުބާރާއި އެކުވެރިކަމުގެ ރަމްޒެއްކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން މިއަދުގެ މަޝްވަރާތަކުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ ވާހަކަދެކެވިފައެވެ. އެގޮތުން، މެލޭޝިއާގައި ތަޢުލީމު ހާސިލުކުރާ ދިވެހި ކުދިންގެ އާއިލާތަކަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ނައްތާލުމާއި، ޞިއްޙީ ދާއިރާއިން އެހީތެރިވުމުގެ އިތުރުން، ދެ ޤައުމުގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން މިއަހަރުގެ ތެރޭގައި ކުއާލަލަމްޕޫރުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި މަޢުދަން ހޯދުމުގެ ދިރާސާތަކަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ކަމަށާއި، އެކަމާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު ދެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި ދެ ޤައުމުންވެސް ގެންގުޅެނީ އެއް ވިސްނުމެއްކަން ފާހަގަކުރައްވައި، ޣައްޒާގެ ނިކަމެތިކޮށްފައިވާ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަންވަރު ވަނީ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.

