
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް މުދާ އެތެރެކުރުމަށް ހިނގި ހަރަދު، ފާއިތުވި އަހަރާ އަޅާބަލާއިރު 28.8 އިންސައްތަ އިތުރުވެއްޖެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެމްއެމްއޭގެ ރިޕޯޓުތައް ދައްކާގޮތުން، 2026ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އިމްޕޯޓަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ހޭދަވި 1.7 ބިލިއަން ރުފިޔާއަށްވުރެ 494.9 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ޕެޓްރޯލިއަމްގެ ބާވަތްތައް އެތެރެކުރުމަށެވެ. އެގޮތުން، ތެލުގެ އިމްޕޯޓަށް އެކަނި ވެސް 618.8 މިލިއަން ރުފިޔާ މި އަހަރު ވަނީ ހަރަދުވެފައެވެ. މިއީ 87.6 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ތެލުގެ ބާވަތްތަކަށް ކުރި ހޭދައަށް ފުންކޮށް ބަލާއިރު، އެންމެ ގިނައިން ފައިސާ ހޭދަކޮށްފައި ވަނީ ޑީސަލް ގަތުމަށެވެ. އެއީ 473.4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޕެޓްރޯލަށް ކުރި ހަރަދު ވެސް ވަނީ 128 އިންސައްތަ މައްޗަށް ގޮސް، 95.1 މިލިއަން ރުފިޔާއަށް އަރާފައެވެ. ކަމާ ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ތެޔޮ އެތެރެކުރުމުގެ އަގުތައް މިހާ ބޮޑަށް އުފުލިފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުންނެވެ.
ކާބޯތަކެތީގެ އިމްޕޯޓަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 415.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ 7.7 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި އެއްގަމު މަހާއި، ކަނޑުމަހުގެ އިތުރުން ސީފުޑުގެ ބާވަތްތަކަށް ކުރި ހޭދަ ވަނީ 74.1 މިލިއަން ރުފިޔާއިން 82.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރަންޖެހޭ ހޭދަ މިފަދައިން ބޮޑުވުމަކީ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު އިންތިހާއަށް އިތުރުވެ، އިމްޕޯޓުކުރާ ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކަށް އިތުރު ބާރުބޮޑުވެގެންދާނެ ކަމެކެވެ.

