
ރަސްމާލެއިން 716 ހެކްޓަރު ހިއްކައިފިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ މަޝްރޫއުގެ ދަށުން 1153ހެކްޓަރު ހިއްކަން ވަނީ ނިންމައިފައެވެ. އަދި އެތަނުގައި ބިނާކުރާ ފްލެޓުތަކަށާއި އަދި ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މިހާރު އޮތީ ހަމަ ވެސް ވެފައެވެ.
ހައުސިންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި މިއަދު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެ މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް.” ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ ރަސްމާލެގެ މަސްރޫއު ނިމުމާ އެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

