
ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ)އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު އެފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ފުލުހުންގެ އަހުލާގާއި ނަޒާހަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ޔުނީފޯމާއި ކޮނޑުގައިވާ ބެޖަކީ ރައްޔިތުންގެ އަމާނާތެއް ކަމަށެވެ.
އަދި ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި އެ އިތުބާރު ހޯދާނީ ނަޒާހަތްތެރިކަމާ އިންސާފުވެރިކަމުން ކަަމަށެވެ. އަދި ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އަދި ފުލުހުންގެ މަސައްކަތަކީ ފުލުހުން އެކަނި ހާސިލުކުރާ ނަތީޖާއެއް ނޫން ކަމަށާއި މިއީ ކައުންސިލްތަކާއި ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެން ކުށް އުފެދޭ މާހައުލު ނައްތާލުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ފުލުހުންގެ ހިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެ ހިދުމަތް ޕްރޮފެޝަނަލް މިންގަނޑަކުން ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ހިދުމަތް ފެށުނުއިރު މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިއަދު ވަސީލަތާއި، އުމްރާނީގޮތުންނާއި ހިދުމަތުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ޚިދުމަތް ދެމުންދާއިރު، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ހާއްސަ އުމްރާނީ ވަސީލަތް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

