
އައްޑޫ ސިޓީގެ އިންތިޚާބުން ސަރުކާރު ނިސްބަތްވާ ޕާޓީ ބަލިވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ ގޮތުން “ތިން ފަށް” ވެއްޖެކަމަށް ސިފަކުރައްވައި، މަގާމު ދޫކުރައްވައި ގެއަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ގދ. ގައްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފަހަކަށް އައިސް ސަރުކާރަށް ގިނަ ސިޔާސީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ ނާކާމިޔާބީއާ އެކު ރައީސް މުޢިއްޒު ވަނީ އައްޑޫ ސިޓީއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބަލިވެފައި ކަމަށެވެ. އަދި މިކަމަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ، އެ މަނިކުފާނު ވެރިކަމުގައި ހުންނެވުމުގެ ޝަރުޢިއްޔަތާމެދު ސުވާލު އުފައްދަވާފައެވެ.
“ތިން ފަށްވީމާ ދެން ކަންކުރަންޖެހޭ ގޮތް އެންމެންނަށް ވެސް އިނގޭނެ. ދެންޖެހޭނީ އަލުން ފަށަން. ފައިބާ ވަޑައިގަންނަވާ. މިހާރު އެމަނިކުފާނަކަށް އެ ގޮނޑީގައި އިންނެވުމުގެ އެއްވެސް ހައްގެއް އޮތްކަމަކަށް ދިވެހިން ނުދެކޭ. މިހާރު ރައީސް މުޢިއްޒަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޤަދަރު، އަދި މަޤުބޫލުކަން އެ ވަނީ ވަރަށް ބޮޑަށް ގެއްލިފަ.” ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ވެސް ވަނީ ތިލަވެފައެވެ. އެގޮތުން، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މޫކޭ ވިދާޅުވެފައި ވަނީ، ރައީސް ނަޝީދާ ނުލައި ޕާޓީއަށް ކުރިއެރުން ލިބޭނެކަމަށް ކުރެވުނު އުންމީދަކީ ކުށްހީއެއް ކަމަށާއި، އެއީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ. މީގެ އިތުރުން، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު ވަނީ، ފައްޔާޒު އިސްމާޢީލް ބޮޑުވަޒީރަކަށް އަދި ނަޝީދު ދައުލަތުގެ ވެރިއަކަށް ހުންނެވުމުގެ ވިސްނުމަކީ ޕާޓީ އެކުވެރިކުރުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް ވިދާޅުވެފައެވެ.

