
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހަކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރާއްޖޭގައި އަލަށް ތަޢާރަފުކުރި ޕޭޕަލްގެ ޚިދުމަތް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މުޅިން އަލަށް ތަޢާރަފުކުރެވުނު މި މުހިންމު ޚިދުމަތާ ގުޅޭގޮތުން ޕޭޕަލް ކުންފުނީގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނީ ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލް މެދުވެރިކޮށް ރައްކާތެރި އަދި އިތުބާރުހުރި މާލީ ވިއުގައެއް ޤާއިމުވެގެން ދިޔުމަކީ ދިވެހި ވިޔަފާރިތަކާއި އާންމު ރައްޔިތުން ގުޅުވާލަދޭނެ ވަރަށް މުހިންމު ފާލަމެކެވެ. މީގެ އިތުރުން، މި ފިޔަވަޅަކީ ދިވެހި ސަރުކާރުން އެކަށައަޅާފައިވާ 2.0 ގެ ތަސައްވުރާ ސީދާ ގުޅިފައިވާ އަދި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާ ހަރުފަތްތަކަކަށް ގެންގޮސްދޭނެ ކަމެއްކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
President Dr @MMuizzu inaugurates PayPal’s services in the Maldives, an important milestone in expanding access to digital payment services in the country. pic.twitter.com/2MHKWOExO4
— The President's Office (@presidencymv) June 15, 2026
“އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިވެރިންގެ އިތުރުން އައު ފުރުޞަތުތަކަށް އެދޭ ފަރާތްތަކަށް ރައްކާތެރި މާލީ މުޢާމަލާތްތަކެއް ކަށަވަރުވެގެން ދިޔުމަކީ އެ ފަރާތްތަކުގެ ކުރިއެރުމަށް ހުޅުވިގެންދާނެ ބޮޑު ދޮރެއް،” ވިލިއާނީ ވިދާޅުވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ، އުރީދޫގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަދި މި ޚިދުމަތް އާންމުކުރުމުގެ ކުރިން ކުރިއަށްގެންދިޔަ ޓެސްޓު މަރުޙަލާތައް ނިންމާލާފައި ވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

