
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް ހުތުރުވާގޮތަށް، ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު އެކުލެވޭ ވީޑިއޯ ރިޕޯޓެއް އާންމުކުރި މައްސަލައިގައި، އެކަން ކުރި ބަޔަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވައި ދަޢުވާކުރައްވާނެކަން މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އޮންލައިން ނޫހަކުން ދާދިފަހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން، އެ ނޫހަށް ނިސްބަތްވާ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އެ އުފެއްދުމުގައި ހިމަނާފައިވަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ހޯދައި، ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
“އެއީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އެފަދަ ދޮގު ވީޑިއޯއެއް ހެދިކަމަށް ތިޔަ އަމިއްލައަށް އެއްބަސްވެވަޑައިގަތީ. މި ނުރަނގަޅު އަމަލު ހިންގި އެންމެހާ ފަރާތްތަކަށް ދަޢުވާކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު ގޮވާލަން،” ނޫސްވެރިޔާއާ މުޚާޠަބުކުރައްވައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ނޫހުން މީގެކުރިން ވެސް އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަތުމުގެ ގޮތުން ތަފާތު އެކި ދޮގު ޚަބަރުތައް ފަތުރާފައިވާކަން ފާހަގަކުރައްވައި، މިފަހަރުގެ އަމަލާމެދު އެއްވެސް ވަރަކަށް ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

