
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ އާންމުންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ރައީސް މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމުގެ ގޮތުން ފަށާ “ރައްޔިތުންގެ އަޑު” ސިލްސިލާގެ ދަށުން ދޭ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދާއިރާތަކުން، “ރައްޔިތުންގެ އަޑު” ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްގައިވެއެވެ.
ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ، 15 ޖުލައި 2026ވާ ބުދަ ދުވަހުގެ ރޭ 00:00އާ ހަމައަށެވެ.
މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ، މިހާރަށްވުރެ ވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވައިފައެވެ.

