
ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބައްލަވައި ރައީސުލްޖުމްހޫރިއްޔާ އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވި އިންސާނުންގެ ގުނަވަން ބަދަލުކުރުމާ ބެހޭ ބިލަށް މުހިންމު ތިން ބަދަލެއް ގެނައުމަށް ފަހު، އެ ބިލު މިއަދު މަޖިލީހުން އަލުން ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ސާފު އިއްތިފާގުންނެވެ. މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން މި ބިލު އަލުން ދިރާސާކޮށް ގެނައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހަކަށް ނުވަތަ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއަކަށް، އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާނުކުރެވޭނެ ގޮތަށް ޝަރުތުތަކެއް ޤާނޫނުގައި ހިމެނުމެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިލެއްވި މައިގަނޑު ސަބަބުވެސްމެއެވެ. އެމަނިކުފާނު ފާހަގަކުރައްވާފައިވާ ގޮތުގައި، ބަންދުގައި ތިބޭ މީހުންނަކީ މިނިވަންކަން ގެއްލިފައިވާ ބަޔަކަށް ވުމުން، އެއްވެސް ނުފޫޒެއް ނުވަތަ މަޖުބޫރުކަމެއް ނެތި އަމިއްލަ ރުހުމުގައި ގުނަވަނެއް ހަދިޔާކުރުމުގެ ފުރިހަމަ އިޚުތިޔާރު އެފަދަ މީހުންނަށް އޮންނާނެކަމަކަށް ގަބޫލުފުޅެއް ނުކުރެވެއެވެ. އަދި ހަރުދަނާ އުސޫލުތަކަކާއި އިޖުރާއަތްތަކެއް ނެތި މި ފުރުސަތު ދިނުމަކީ ޤާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ނުކުމެދާނެ ކަމެއްކަމަށް ވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ޤާނޫނާ ޚިލާފަށް ނުވަތަ މީހެއްގެ ނުރުހުމުގައި ގުނަވަނެއް ނަގައިފިނަމަ ދެވޭނެ އަދަބުތަކަށް ވެސް ކޮމިޓީ މަރުހަލާގައި ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ކުރިން ބިލުގައި އޮތް ޤިސާސް ހިފުމާއި ގުނަވަނުގެ ދިޔަ ދިނުމުގެ ބައި އުނިކުރުމަށް ފަހު، މިހާރު ކަނޑައަޅާފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހަކު 150,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.
ބިލަށް ގެނައި ތިންވަނަ އިސްލާހަކީ ޤަވާއިދުތައް އެކުލަވާލުމުގެ މުއްދަތުތަކާއި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚު ސާފުކޮށްދިނުމަށް ގެނައި ބަދަލެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ޤާނޫނަށް އަމަލުކުރަން ފަށާއިރު، ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ޤާނޫނަށް އަމަލުކުރަން ފަށާތާ 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް، ޤާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އުފައްދަން ޖެހޭނެކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

