
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ނުދެއްވާނެކަމަށް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްޤީ ޔަޤީންކުރެވެން އޮތީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭނެ މަންދޫބަކު އިންތިޚާބު ކޮށްގެން ކަމަށެވެ. އަދި އައްޑޫގެ މުހިންމު ބިނާތަކަކާއި ލިޔެކިޔުންތަކެއްގައި އަލިފާންޖެހި ބައެއްގެ ފަރާތުން ނުކުންނަ ކެންޑިޑޭޓަކަށް އެ ސިޓީގެ ރައްޔިތުން ތާއީދުނުކުރާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން މަޖިލީހުގައި ކުރަމުންދާ އެއްވެސް ކަމެއް ނެތްކަމަށް ވެސް ޢަބްދުއްރަޙީމް ވަނީ ފާޑުވިދާޅުވެފައެވެ.
“އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ.” މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މި ޖަލްސާގައި ޢަބްދުއްރަޙީމް ވަނީ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު މި އިންތިޚާބު ކާމިޔާބުކުރާނީ ސިނާންގެ ވެސް އެހީތެރިކަމާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ތާވަލުކުރެވިފައި ވަނީ އަންނަ ޖޫން މަހުގެ 6ވަނަ ދުވަހަށެވެ.

