
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ އެވޯޑެއް އެރުވުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ‘އަދަދު’ ނޫހުން ފަތުރާފައިވާ ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކައެއްކަމަށް، ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ އެވޯޑު ދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް ވަރަށް ސާފުކޮށް ވިދާޅުދެއްވާފައެވެ. އެގޮތުން، އަންނަ އޮގަސްޓު މަހުގެ 10ވަނަ ދުވަހު ބާއްވާ އިންޖިނިއަރުންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި، އެވޯޑަކީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ ހަރުދަނާ އުސޫލެއްގެ ތެރެއިން ދެވޭ ޝަރަފެއްކަމަށާއި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، ނަންތައް ދިރާސާކުރަނީ މުޅިން މިނިވަން ކޮމިޓީއަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެވޯޑު ހާސިލުކުރާ ފަރާތްތައް ކަނޑައަޅަނީ އެ ކޮމިޓީން ބާއްވާ އިންޓަވިއުތަކަކަށް ފަހުގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ވަޒީރު މެދުވެރިކޮށް ރައީސަށް އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށް ފެތުރި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
އިންޖިންނިއަރިންގ އެވޯޑަކީ އުޞޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލާ، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލާ އިންޓަވިއުކޮށް އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ.… pic.twitter.com/almE0eQosK
— Abdulla Muththalib (@muththo) September 9, 2026
ރައީސަށް އެވޯޑު ދޭން އުޅޭކަމަށް ބުނެ ފެތުރި ދޮގު ޚަބަރަށް ރައްދުދެއްވަމުން ޑރ. މުއްޠަލިބު ވިދާޅުވީ، އެފަދަ އަސްލެއްނެތް ވާހަކައެއް އެ ނޫހުން ލިޔެފައި ވަނީ، ރައީސް ޑރ. މުޢިއްޒަކީ އިންޖިނިއަރިންގެ ރޮނގުން ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވެފައި، އެފަދަ ޝަރަފެއް އެމަނިކުފާނަށް ޙައްޤުވާކަމަށް އެ ނޫހަށް ވެސް ޤަބޫލުކުރެވޭތީކަމަށް ވެދާނެކަމަށެވެ. ރައީސް މުޢިއްޒަކީ އިނގިރޭސިވިލާތުގެ ނަންމަޝްހޫރު ޔުނިވަސިޓީ ކޮލެޖް ލަންޑަންއިން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ފުރިހަމަކުރައްވައި، އަދި ލީޑްސް ޔުނިވަސިޓީން އެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ސަރުކާރުގެ އެކި ސިޔާސަތުތަކާއި ނިންމުންތަކާ ގުޅުވައިގެން، ޙަޤީޤަތާ ޚިލާފު ގިނަ ޚަބަރުތަކެއް ‘އަދަދު’ ނޫހުން މީގެ ކުރިން ވެސް ޝާއިޢުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

