
ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި ބޭނުމަށް އިތުރު ޖާގަތަކެއް ދޫކުރުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނޯތު ހާބަރު ހިންގަވާ ކުންފުނި، އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު އައްޒާމް ޝާރީފް ވިދާޅުވީ ބޭނުމަކީ ނޯތު ހާބަރަށް ކައިރިކުރާ އޮޑިފަހަރަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ވުން ކަމަށެވެ.
އެ ނިންމުމަށް ފަހުގައި މިހާރު ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާ ކަން އައްޒާމް ފާހަގަކުރެއްވިއެވެ. އެ ގޮތުން މާލެ ސަރަހައްދަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީއާއި، މަސް ކުންފުނި މިފްކޯގެ އިތުރުން، އާންމު އަސާސީ މުދާތައް ވިއްކާ އެސްޓީއޯއަށް ވަނީ ނޯތު ހާބަރުން ޖާގަ ދޫކޮށްފައެވެ.
“އެ ތަންތަން ނަގާ ބޭފުޅެއްވިއްޔާ ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން އެ ތަނުގައި އެއްޗިހި ބަހައްޓައިގެން ބޯޓުތަކަށް ޑެލިވާ ކުރެވޭނެ. ބޯޓުތަކަށް ވެސް ލިބޭނެ ފަސޭހައެއް. ތަންކޮޅެއް ދުރުގައި ހުންނަ ފިހާރައަކުން ލިބޭ އެއްޗެއް ކައިރިން ލިބުން ވާނީ ވަރަށް ބޮޑު ފަސޭހައަކަށް. ފިހާރާގެ މީހާއަށް ވެސް ލިބޭ ފަސޭހައެއް. އޮޑިދޯނި ފަހަރަށް ވެސް ލިބޭ ފަސޭހައެއް،” އައްޒާމް ވިދާޅުވިއެވެ.
މިހާރު މަސައްކަތް ކުރަމުން ދަނީ ނޯތު ހާބަރުގައި ހުންނަ ރެސްޓޯރަންޓްގެ ތިރީގައި ފިހާރަތަކެއް ހިންގަން އޮތް ޖާގަތައް ދޫކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ޖުމުލަ 6 ޖާގަ މި ވަގުތަށް ދޫކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ބޮޑަށް އިސްކަން ދޭނީ ހޯލް ސޭލް ވިޔަފާރިކުރާ ފަރާތްތަކަށް އެ ޖާގަ ދޫކުރުމަށް ކަމަށް ވެސް އައްޒާމް ވިދާޅުވިއެވެ. އެ ތަންތަން ދޫކުރާނީ އިއުލާންކޮށްގެން ބިޑް އުސޫލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

