
ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އުމުރުފުޅުން 89އަހަރުގައި ރަސްގެފާނު އަވަހާރަވީ މަދުން ނޫނީ ނުފެންނަ ލޭގެ ބައްޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރައީސްގެ މެސެޖުގައި، ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ގައުމަށް ކުރިމަތިވި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝާހީ އާއިލާއަށާއި، ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައިވެއެވެ.
އޭގެ އިތުރުން، އެމަނިކުފާނަކީ މުޅި އުމުރުފުޅުގައި ނޯވޭގެ ޝާހީ ދައުލަތަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައި، ސާބިތު ހިންގުންތެރިކަމެއް ދެއްކެވި، އަދި ނޯވޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުހަނު އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ގެއްލުމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ހިދުމަތްތަކާއި އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަންނަ އެންމެހާ ފަރާތްތަކަށް ލިބުނު ފުން ހިތާމައެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އަދި ރަސްގެފާނު ހެރަލްޑް 5ވަނައިގެ ހިދުމަތްތަކުގެ ހަނދާންތަކުން ޝާހީ އާއިލާއަށް ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، ކެތްތެރިކަން ލިބުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

