
ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކްގެ އިތުރުން މޮރިޓޭނިއާ އަދި ކެންޔާއަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނޮން-ރެސިޑެންޓް ތިން ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފިއެވެ.
މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މި ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުން، މިއިން ކޮންމެ ބޭފުޅަކަށް ރުހުން ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 64 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ސަފީރުކަމަށް އައްޔަންކުރެއްވުމަށް ފާސްކުރެއްވި ބޭފުޅުންނަކީ ދެކުނު އެފްރިކާގެ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ހާލާ ހަމީދު، ޗެކް ރިޕަބްލިކްގެ ސަފީރުކަމަށް ގދ. ތިނަދޫ ގުލްޒާރުގޭ އައިމިނަތު އަބްދުﷲ ދީދީގެ އިތުރުން، މޮރިޓޭނިއާ އާއި ކެންޔާ ތަމްސީލުކުރައްވާ ސަފީރުގެ ގޮތުގައި ހ. އަތިރީގޭ އަމީން ޖާވިދު ފައިސަލްއެވެ.
މި ތިން ބޭފުޅުންނަކީ ވެސް ޚާރިޖީ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުންނެވެ. އެގޮތުން ޑރ. ހާލާ މިހާރު ވެސް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީއެއްގެ މަގާމުގައެވެ. ހަމައެއާ އެކު، އަމީން ޖާވިދު ވަނީ ޑިޕްލޮމެޓިކް ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވައި، ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން، އައިމިނަތު އަބްދުﷲ ދީދީއަކީ ޚާރިޖީ ދާއިރާއަށް 23 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ކަނބަލަކަށްވާއިރު، 2019ވަނަ އަހަރު އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ގާއިމުކުރި ރާއްޖޭގެ ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ މަގާމު ވެސް ފުރުއްވީ އެކަމަނާއެވެ.

