
“ނޭޝަނަލް ޕޭމަންޓް ސްވިޗް” އެއް އުފެއްދުމަށްޓަކައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވި މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ޖުމްލަ 66 މެމްބަރުންނެވެ. ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ، މިއީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ނިޒާމަށް ނުހަނު މުހިންމު ބަދަލެއްކަމަށް އެއްބަސްވެވަޑައިގެންފައެވެ.
އަލަށް ގެނެވުނު މި ބަދަލާ އެކު، ގައުމީ ޕޭމަންޓް ވިއުގައިގައި ހިމެނޭ ވަކި ނިޒާމެއް، ނޭޝަނަލް ޕޭމަންޓް ސްވިޗެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު މަރުކަޒީ ބޭންކު (އެމްއެމްއޭ)އަށް ލިބިގެންދާނެއެވެ. ހަމައެހެންމެ، އެކިއެކި ބޭންކުތަކާއި ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން ކުރާ ދާހިލީ އަދި ހާރިޖީ މުއާމަލާތްތަކުގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ ވަކި މުއާމަލާތްތަކެއް ދެން ޕްރޮސެސްކޮށް ރޫޓުކުރަން ލާޒިމުވާނީ މި ކަނޑައެޅޭ މަރުކަޒީ ސްވިޗް މެދުވެރިކޮށެވެ.
މި ބިލުގެ މައިގަނޑު އަނެއް ބޭނުމަކީ، މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ގައުމީ ޕޭމަންޓް ސިސްޓަމްތައް މޮނިޓާކޮށް ހިންގުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކޮށް ތަންފީޒުކުރުމެވެ.

