
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގި ސަރަަހައްދުގައި އެއްވެސް ދިވެއްސަކު ހުރިކަމުގެ މައުލޫމާތު ލިބިފައެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާގައި 300އަށް ވުރެ ގިނަ މީހުން މަރުވެ ހާހެއްހާ މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ ފަތުރުވެރިން ވެސް ހިމެނެއެވެ.
އެ ކާރިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިމިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައި އަދި ނުވާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް އެ ހާދިސާގައި އަސަރުކޮށްފައި ނުވާކަން ވެސް އެނގިފައިވާ ކަމަށް ބުންޏެވެ.
އަދި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް ނުވަތަ ކޮންސިއުލަރ އީމެއިލްއަށް އީމެއިލް ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ޑޮކްޓަރުކަން ފަދަ ކޯސްތަކުގައި ކިޔަވަން ނޭޕާލުގައި ތިބެއެވެ.

