
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާއާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާ ކުރަން ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު ނޭޕާލް އާއި ޓިބެޓްގެ ބޯޑަރު ސަރަހައްދަށް އައި ސްނޯގެ ތޫފާނަކާއެކު ވިރިފައިވާ ގަނޑުފެންތައް ކޯރަކަށް އެޅި ފެންބޮޑުވުމުގެ ހާދިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެ އެތަކެއް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ. އަދި ލިބުނު ގެއްލުން ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެކަމަށް ވެސް ވަނީ ބެލެވިފައެވެ.
އެހެންވެ ރިލީފް ފަންޑަށް އެއް ބިލިއަން ރުފިޔާ ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިއުލާންކުރައްވައިފައެވެ.
މިއެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމު، އަނެއް ގައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ގައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ދެކުނު އޭޝިއާގެ ދެ ގައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ.

