
ނެޝެނަލް ޑްރަގް އޭޖެންސީ(އެންޑީއޭ)އަށް ސީއީއޯއެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިމާދު ސޯލިހުއެވެ. ނަމަވެސް 2024ވަނަ އަހަރުގެ ޖުލައި މަހު އޭނާ މަގާމުން ވަކިކުރި ފަހުން އެ މަގާމަށް ބޭފުޅަކު އައްޔަނެއް ނުކުރެއެވެ.
އެންޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ސީއީއޯއަށް މުސާރައާ އިނާޔަތްތަކުގެ ގޮތުގައި 52030 ރުފިޔާ ލިބޭއިރު އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދަކަށްވުރެ މަތީ ސަނަދެއް ހާސިލްކޮށް، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ދެ އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ކޮށްފައި ނުވުން.
- ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކޮށްފައި ނުވުން.
- މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

