
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ގޮޅިތަކެއް އެޅުމަށް ހިންގި މަޝްރޫޢުގެ ތެރެއިން، އެ ސަރަހައްދުގައި ނެތް އިމާރާތެއް ތަޅާލައި ބިން ސާފުކުރުމުގެ ނަމުގައި ކޮންޓްރެކްޓަރަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ފައިސާ ދޫކޮށްފައި ވަނީ މާފުށީ ޖަލުގައި 50 ގޮޅީގެ ވިންގެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލުމަށެވެ. އެހެންނަމަވެސް، މަސައްކަތް ހަވާލުކުރި ދުވަސްވަރު ގޫގުލް އާތް މެދުވެރިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި އެއްވެސް އިމާރާތެއް އެ ތަނުގައި ގާއިމުވެފައެއް ނެތެވެ. މި މަސައްކަތުގެ ބިލް އޮފް ކުއަންޓިޓީ (ބީއޯކިއު)ގައި ބިން ސާފުކުރުމަށް 2,920,082 (ދެ މިލިއަން ނުވަ ސަތޭކަ ވިހި ހާސް އަށްޑިހަ ދެއެއް) ރުފިޔާ ހިމަނައި، އެ ފައިސާ ވަނީ އޭރުގެ ހޯމް މިނިސްޓްރީން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް ޖަމާކޮށްދީފައެވެ.
އައްޝައިޚް އިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ހިންގި މި މަޝްރޫޢަކީ އަވަހަށް ނިންމުމުގެ ނިޔަތުގައި ބީލަމުގެ އުސޫލުން ބޭރުން 45 މިލިއަން ރުފިޔާއަށް ޕޮލްކޯއާ ހަވާލުކުރި މަސައްކަތެކެވެ. މީގެ ތެރޭގައި 50 ގޮޅީގެ ވިންގަކާއި، އިތުރު 18 ގޮޅީގެ އިމާރާތެއްގެ އިތުރުން ސެކިއުރިޓީ ޕޯސްޓެއް ހެދުން ހިމެނެއެވެ. ޕޮލްކޯއިން ވަނީ މި މަސައްކަތް “ވީ އަވަރ އިންވެސްޓްމަންޓް” ނަމަކަށް ކިޔާ ކުންފުންޏަކަށް ސަބްކޮންޓްރެކްޓް ކޮށްފައެވެ. އޮޑިޓުން ފާހަގަކުރި ގޮތުގައި، ޕްރޮކިއުމަންޓުގެ އުސޫލުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ބީއޯކިއުއާއި ކުރެހުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުއްޓެވެ.
ސަބްކޮންޓްރެކްޓަރު 18 ގޮޅީގެ މަސައްކަތް ނިންމި ނަމަވެސް، ފައިސާ ނުލިބުމުގެ ސަބަބުން 50 ގޮޅީގެ މަސައްކަތް 2024ވަނަ އަހަރު ވަނީ ހުއްޓާލާފައެވެ. ނުކުރާ މަސައްކަތަކަށް ދައުލަތުން ޚަރަދުކުރި 2.9 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށާއި، މި މުޢާމަލާތުގައި ކޮރަޕްޝަނާއި ޚިޔާނާތް އެކުލެވޭތީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

