
ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމާއި ނޫ އިޤްތިޞާދު ކުރިއެރުވުމަށް އަމާޒުކޮށްގެން، ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ވުޒާރާއާއި ޗައިނާގެ ހައިނާން ޔުނިވަރސިޓީ ގުޅިގެން ހާއްސަ ފަންނީ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި މަހުގެ 21އިން 22ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ އިތުރުން ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓްރޮޕިކަލް އެކުއަކަލްޗަރގެ ހުނަރުތައް ކުރިއެރުވުމާއި، ނެތިދިއުމުގެ ބިރުހީވެފައިވާ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށެވެ. މީގެ އިތުރުން، ހަލާކުވަމުންދާ މުރަކަތައް އާލާކޮށް ފަރުތަކުގެ ދިރުން އިޔާދަކުރުމާއި، ގުދުރަތީ ކާރިސާތައް ދުރާލާ އަންދާޒާކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެއެވެ.
ތަފާތު އެކި މުއައްސަސާތައް ތަމްސީލުކުރާ 51 މަންދޫބަކު މި ތަމްރީނުގައި ބައިވެރިވާއިރު، އޭގެ ތެރޭގައި މަސްވެރިކަމާ ބެހޭ ވުޒާރާއާއި، ތިމާވެއްޓާ ބެހޭ ވުޒާރާ، އީޕީއޭ، މިފްކޯ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، ޤައުމީ ޔުނިވަރސިޓީ އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން، މެރިކަލްޗަރ ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކ. މަނިޔަންފުއްޓަށް ހައިނާން ޔުނިވަރސިޓީގެ ވަފުދުން ޒިޔާރަތްކުރުމަށް ވެސް ވަނީ ރާވާފައެވެ. މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ ‘ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް’ގެ ދަށުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކަމާގުޅޭ އިދާރާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ މުހިންމު ހަރަކާތެކެވެ.

