
ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި، ދައުލަތުގެ ބާރުތައް ގުޅުވައިދޭ “ހަތަރުވަނަ ބާރު” ގެ ހައިސިއްޔަތުން ދިވެހި މީޑިއާއަކީ ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދީ، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ވުމަށް ގޮވާލައްވައިފިއެވެ.
މި ސަރުކާރުން ނޫސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވައި، ރައީސް ވަނީ މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚާއްޞަ އިންސައްތައެއް ކަނޑައެޅުމާއި، މީޑިއާތައް ހިންގާނެ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. މިއީ މީޑިއާގެ ތާރީޚުގައި ވެސް ސަރުކާރަކުން މިހާ ބޮޑު އަހައްމިއްޔަތުކަމެއް ދިން ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީ ކުޑަވުމުން މީޑިއާތައް ހިންގުމަށް ހުރި ދަތިތަކަށް ޙައްލު ހޯދައިދީ، ޢިލްމީ އައު ޖީލެއް ބިނާކުރުމަކީ ދައުލަތުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.
ޑިމޮކްރެސީއެއްގައި ޒިންމާދާރު ނޫސްވެރިކަމުގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނުގައި އޮތް ނަމަވެސް، އެކަން ކުރަންވާނީ މުޖުތަމަޢުގެ މަޞްލަޙަތާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ކަމަށެވެ. “މޯލްޑިވްސް 2.0” ގެ ތަޞައްވުރުގެ ދަށުން ނޫސްވެރިކަމުގެ ޒަމާނީ އީކޯސިސްޓަމެއް ޤާއިމުކޮށް، މިއީ ޒުވާނުންނަށް ރަނގަޅު މުސްތަޤުބަލެއް އޮތް، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ ދާއިރާއަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ވެސް ރައީސް ބަޔާންކުރެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށް ދެމުންދާ ޙަމަލާތަކާއި މަރުގެ އިންޒާރުތައް ކުށްވެރިކުރައްވައި، އެފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް ރައީސް ގޮވާލެއްވިއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ދޮގު މަޢުލޫމާތު ފެތުރުން އާންމުވަމުންދާ މި ދުވަސްވަރު، ތެދު ޚަބަރު ފެތުރުމަށް ނޫސްވެރިން އިތުރަށް ސަމާލުވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް އަމާޒުކުރެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

