
ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައި ސައިކަލު ޓޯކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއަކުން ޒުވާން ފިރިހެނަކު އަތް ދޫކޮށްލައި ދެ ފައި ވެސް އެެއް ވާތް ފަރާތު އަރިމައްޗަށް ލައިގެން ސައިކަލު ދުއްވާތަން ފެނެއެވެ. އެހެންވެ އެ މައްސަލަ ފުލުހުން އޮތީ ބަލަން ފަށައިފައެވެ.
ފުލުހުން ބުނީ އެ މީހާ ދެނެގަނެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި އުޅަނދު 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ޖޫރިމަނާ ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައިކަލު މަތީގައި އޮށޯވެ އޮވެގެންނާއި، މަގު ރަނގަޅަށް ނުފެންނަވަރަށް ބޯ ތިރިކޮށްގެން ބާރު ސްޕީޑުގައި ބަޔަކު ދުުއްވި މައްސަލައެއް މިދިޔަ ޖުލައި މަހު ވެސް ފެންމަތިވިއެވެ. އެ މައްސަލައިގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލު ދެނެގަނެ 30ދުވަހަށް އެ ވެހިކަލްތައް ޓޯކޮށް ތިން މީހަކު ޖޫރިމަނާ ވެސް ކުރިއެވެ.
ފަހަކަށް އައިސް ބުރިޖު މަތީގައި ހިނގާ އެކްސިޑެންޓްތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

