
އަލްއުސްތާޛު މ. ކަށިމާ އަޙުމަދު ޝާކިރަށް ‘ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް’ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ތާރީޚާއި ބަހާއި އަދަބިއްޔާތުގެ ކުރިއެރުމަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، މިއަދު އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މި ފަޚުރުވެރި ޝަރަފު ޝާކިރަށް އެރުވިއިރު، އޭނާއަކީ މިހާރު ވެސް ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ރައީސް އުފައްދަވާފައިވާ ‘ދިވެހި ޤައުމިއްޔަތުގެ އިސްވަރު’ ކައުންސިލްގައި ތާރީޚީ އިސްވާރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މީލާދީން 1969ވަނަ އަހަރު ސަރުކާރުގެ ޗާޕުޚާނާއިން ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތް ޝާކިރު ވަނީ، މެދުނުކެނޑި ސާޅީސް އެއް އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކިއެކި އިސް މަޤާމުތަކެއް ފުރުއްވުމަށް ފަހު 2010ވަނަ އަހަރު ރިޓަޔަރ ކުރައްވާފައެވެ. ޗާޕުޚާނާގެ ވަޒީފާއިން އޭނާއަށް ވަނީ ދިވެހި އަދަބިއްޔާތުގެ ފުން ކަނޑަށް ފީނުމުގެ ފުރުސަތު ފަހިވެ، އޭރުގެ އެންމެ މޮޅެތި އަދީބުންނާ އެކު މަސައްކަތްކުރެއްވުމުގެ ނަސީބު ލިބިވަޑައިގެންފައެވެ. އަދި 1970ގެ އަހަރުތަކުގައި ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަންގެ އުޅަނދަކަށް ދިވެހި ސަރުކާރުން ފޮނުވި އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަތުމަކީ އޭނާގެ ލިޔުންތެރިކަމާއި ތަރުޖަމާކުރުމުގެ ހުނަރު އިތުރަށް ތަރައްޤީވެގެންދިޔަ ކަމެކެވެ.
ޝާކިރުގެ ޚިދުމަތުގެ ފަތްފުށްތަކަށް ބަލާއިރު، ދިވެހި ތާރީޚު ލިޔުއްވުމާއި ދިރާސާކުރެއްވުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ލިޔުއްވަން ފެއްޓެވި ‘ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ’ މި ސިލްސިލާގެ ދަށުން 640 ސަފުހާގެ ބޮޑު ފޮތަކާއި އިތުރު ފަސް ވޮލިއުމް ނެރުއްވާފައިވެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތުތަކުގެ ހަޔާތްނާމާތަކާއި ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުގެ ތާރީޚު ފޮތްތައް ލިޔުއްވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
އަދަބިއްޔާތާއި ތާރީޚުގެ އިތުރުން، ފަންނުވެރިކަމާއި މީޑިއާގެ ދާއިރާގައިވެސް ޝާކިރުގެ ނަންފުޅަކީ ވިދުންގަދަ ނަމެކެވެ. ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި އޭ.ޓީ.އޭ ގަޔާއި އެމްޖީބީއެސްގައި މަސައްކަތްކުރެއްވުމަށް ފަހު، އޭނާ ވަނީ މަޖީދިއްޔާ ސްކޫލުގެ ރަން ޔޫބީލްގެ ތަމްސީލުތަކުންނާއި، އޮލިމްޕިއަންސް އަދި ފަހުން އުފެއްދެވި ސީ.ޑީ.އެސް މެދުވެރިކޮށް ގިނަ ތަމްސީލުތަކެއް ކުޅުއްވާފައެވެ. ޓީވީ މޯލްޑިވްސް އުފެދުމާ އެކު އެތަނުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ގިނަ ޑޮކިއުމެންޓްރީތަކަކާއި ޕްރޮގްރާމްތަކެއް އުފެއްދެވިއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ‘ޣާޒީ ބަންޑާރައިން’ ފިލްމުގައި ހަސަން ތަކުރުފާނުގެ ރޯލު ކުޅުއްވައި، ފިލްމުގެ ސްކްރީންޕްލޭއަށް އެހީތެރިވެދެއްވުމެވެ.
ކާމިޔާބު ޤާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައިވާ ޝާކިރަކީ ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ އިން ބެޗެލަރސް އަދި މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ އިލްމުވެރިއެކެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގައި މާލެ އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.
ގިނަގުނަ ރޮނގުތަކަކުން ޝާކިރު ކޮށްދެއްވި ޚިދުމަތްތައް ދައުލަތުންނާއި އެކިއެކި މުއައްސަސާތަކުން މީގެކުރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ތަމްސީލުކުޅުމާއި، ވާހަކަދެއްކުމާއި، ތާރީޚު ލިޔުމުގެ ރޮނގުން ލިބިވަޑައިގެންނެވި ޤައުމީ އިނާމުތަކާއި، ނޫސްވެރިކަމުގެ ރިހި ގަލަން، އަދި ހަސަން ތާޖުއްދީން އެވޯޑު ހިމެނެއެވެ. އެންމެ ފަހުން މި އަހަރު ޔޫއޭއީގެ ޝާރުޖާ އިންސްޓިޓިއުޓް ފޯ ހެރިޓޭޖުން ދޭ ޝަރަފުވެރި އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

