
ޓްރީޑީ އާޓިސްޓް އަދި ޓައިޕޮގްރާފަރު ހުސައިން ނިޔާޒުގެ ތްރީޑީ ކުރެހުމެއް ކަމަށްވާ ފަނުން ހަދާފައިވާ ބޮޑު މަސް ކުރެހުމެއް ޕީއެސްއެމްގެ އީދު ޕޯސްޓްގައި ބޭނުންކޮށްފައިވާ ކަން ފާހަގަކޮށް، އޭނާ ނުރުހުން ފާޅުކޮށްފިއެވެ.
ނިޔާޒު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓީވީއެމް ނުވަތަ ޕީއެސްއެމަށް އެ ބޮޑުމަސް ބޭނުން ކުރުމުގެ ހުއްދަ އޭނާ ނުދޭ ކަމަށެވެ. އޭނާގެ މަސައްކަތުގެ ވެސް އަގެއް އޮންނަން ވާނެ ކަމަށް ވެސް ބުންޏެވެ.
“މިއަށް ޓީވީއެމުން އަގު ދައްކަން ވާނެ. މީ މިހެން ތަކުރާރު ކުރި ދެވަނަ ފަހަރު. މި ފަހަރު މި ކަމުގެ އަގު ދެއްކުމަށް އެދެން. ފްރީކޮށް ދޫކުރި ފޮންޓްތައް ބޭނުން ކުރިޔަސް މައްސަލަ އެއްނެތް. އެކަމު އަހަރެން ފްރީކޮށް ދޫ ނުކުރާ އެއްޗެއް މިހެން ބޭނުން ކުރާނަމަ އަގު ދައްކަން ޖެހޭނެ”ނިޔާޒު ލިޔެފައިވެއެވެ.
މި ކަމުގައި އިންސާފު ހޯދަން ހުރިހާ ރައްޓެހިންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

