
ފާފު އަތޮޅު ނިލަންދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އެރަށު އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ (ކަތީބު ދޮންބެ)އުމުރުފުޅުން ސަތޭކަ އަހަރުގައި އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަރުޙޫމުގެ ޢާއިލާއަށް ފުން ތަޢުޒިޔާ ރައްދުކުރައްވައިފިއެވެ.
މީސްމީޑިއާގައި ޙިއްޞާކުރެއްވި ބަޔާނެއްގައި ރައީސް ވަނީ، ރަށުގެ ކަތީބުކަމުގެ މަޤާމުގައި ހުންނަވައިގެން އަޙްމަދު މޫސާ ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އެ މަރުޙޫމަކީ ތެދުވެރިކަމާއި، އޯގާތެރިކަމުގެ އިތުރުން މުރާލިކަމުގެ ލާމަސީލު މިސާލެއްކަމަށާއި، އެއީ މުޅި ޤައުމަށް ހުރި ނަމޫނާ ޝަޚްޞިއްޔަތެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މީގެ އިތުރުން، އެ މަރުޙޫމުގެ ދަރިކޮޅުން ތަޢުލީމީ ގޮތުން ޤާބިލު އަދި ޤައުމަށް ފައިދާހުރި އެތައް ބަޔަކު އުފެދިފައިވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފެއްކަން ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ފ.ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވައިފައިވާ، އަދި ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ އެ ރަށު، އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ)… pic.twitter.com/k5GyWmqZvi
— Dr Mohamed Muizzu (@MMuizzu) June 12, 2026
އަޙްމަދު މޫސާއަކީ އިދާރީ ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، 1992ވަނަ އަހަރު ސަރުކާރުން ދެއްވާ ދަނޑުވެރިކަމުގެ ޤައުމީ ހިތްވަރު ދިނުމުގެ އިނާމު އެމަނިކުފާނު ވަނީ ޙާޞިލުކުރައްވާފައެވެ.
ޤައުމަށް އަގުހުރި ދަރިންތަކެއް ދޫކުރެއްވުމަށްފަހު، އަޙްމަދު މޫސާ މި ފާނާވެދަނިވި ދުނިޔެއާ ވަކިވެވަޑައިގަތް ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކުކަން ބަޔާންކުރައްވަމުން، ރައީސް މުޢިއްޒު ވަނީ އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

