
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނަ އަހަރު މާލޭގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދައި، އެ މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރ އަޙުމަދު ޝަފީޢު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި މަހުގެ 8ވަނަ ދުވަހު ފުލުހުންނަށް ދީފައިވާ ލަފާގައި އެދިފައި ވަނީ، މި ޓެރަރިޒަމްގެ އަމަލަށް ފަންޑުކުރި މީހުންގެ މައްސަލައިގެ ތަހުގީގު ލަސްނުކޮށް ފުރިހަމަކުރުމަށްފަހު އެ އޮފީހަށް ފޮނުވުމަށެވެ.
6 މެއި 2021ގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު، ގ. ކެނެރީގެ ކައިރިން ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. ބެއަރިން ބޯލްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ބާރުގަދަ ބޮން ރިމޯޓަކުން ގޮއްވާލީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އެންމެ ކައިރިވެވަޑައިގެންނެވި ވަގުތުގައެވެ. މި ހަމަލާގައި ލިބިވަޑައިގެންނެވި ބޮޑެތި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ޖަރުމަނާއި އިނގިރޭސިވިލާތުން އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ.
މި ޖަރީމާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށް ދައުވާ އުފުލި ނަމަވެސް، މީގެ އަޑީގައި ތިބެގެން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް އަދިވެސް ހޯދިފައެއް ނުވެއެވެ. ބޮން ގޮއްވާލި އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އިތުރު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފާރަލުމާއި، ރިމޯޓު ހަވާލުކުރުމާއި، ކުށްވެރިން ފިލުވުމަށް މަސައްކަތްކުރުމުގެ އިތުރުން ގޮވާތަކެތި އުފުލުމުގައި އެހީތެރިވިކަމަށް ތުހުމަތުކުރެވޭ ތަހުމީން އަހުމަދު، މުޖާޒް އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގު އަދި މުހައްމަދު ނާޒިމް ހިމެނެއެވެ.

