
ނަފްސާނީ ބަލިތަކަށް ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވަނީ 50އެނދުގެ ނަފްސާނީ ހޮސްޕިޓަލެއް ކަމަށެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދު”ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީގެ GC01ގެ ގްރޭޑް 6, 5, 4, 3, 2, 1ނުވަތަ 7އަށް ޝަރުތުހަމަވާ ކޮންޓްރެކްޓަރުންނަށް ކަމަށެވެ.
މީގެ ކުރިން މި ސަރުކާރުން ވަނީ ލ. ގަމުގައި ވެސް ނަފްސާނީ ކަންކަމަށް ހޮސްޕިޓަލެއް އަޅާނެކަމަށް ވެސް ބުނެފައެވެ. އެ މަޝްރޫއުއަށް ފަހުން ވީގޮތެއް ސާފެއް ނުވެއެވެ.
ނަފުސާނީ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ނަފްސާނީ ޑޮކްޓަރުންނަށް ދައްކަން އައިޖީއެމްއެޗުގައި އޮންނަ ކިއު އިންތިހާއަށް ދިގުކަންވެސް ފާހަގަކޮށްލެވެއެވެ.

